އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ރާއްޖެއިން މިއަދު އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި އިޒްރޭލުން އަމަލު ކުރާ ގޮތާ މެދު ޖަވާބުދާރީވުމަށް ގޮވާލާ ވަރުގަދަ ބަޔާނެއް ދީފި އެވެ.
އައިސީޖޭގައި މި ބަޔާން ދީފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ. މި ބަޔާނަކީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި އިޒްރޭލުން އަމަލު ކުރާ ގޮތާ މެދު އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން އައިސީޖޭގައި ރާއްޖެއާއި ނޯވޭއާއި ނަމިބިއާގެ އިތުރުން މެކްސިކޯއިން ލަފަޔަކަށް އެދުމުން ފެށި އާންމު އަޑުއެހުންތަކުގައި ރާއްޖެއިން ދިން ބަޔާނެވެ.
މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އުޝާމް ވަނީ މި އަޑުއެހުންތައް ފެށިފައިމިވަނީ ފަލަސްތީނުގެ ރައްޔިތުން އިންތިހާއަށް މާޔޫސްވެފައިވާ އަދި ގިނަ ތަކުލީފުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށް ވިދާޅުވެފަ އެވެ.
ހޭގުގައި ބޭއްވި މި އަޑުއެހުންތަކުގައި އޭޖީ އުޝާމް ބޮޑަށް އަލިއަޅުވާލައްވާފައިވަނީ އދ. އާއި ބައިނަލްއަގްވާމީ އެހެން ޖަމިއްޔާތަކާއި އެކި ގައުމުތަކުގެ އެހީތަކަށް އިޒްރޭލުން ހުރަސްއަޅަމުން ދާތީ އެކަމުގެ މައްޗަށެވެ.
ރާއްޖެއިން ވަނީ އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އަކީ އެ ސަރަހައްދުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ’މައިބަދަ އަދި ވިންދު ޖަހަމުންދާ ހިތް‘ ކަމަށް ބުނެފަ އެވެ. އަދި ޔޫއެންއާރުޑަބްލިއުއޭ ފުނޑުފުނޑުކޮށް ރޫޅާލުމަށް އިސްރާއީލުން ގަސްތުގައި ފިޔަވަޅު އަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލް ތުހުމަތު ކުރައްވައި، މި މަސައްކަތްތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް މިލިއަން ބައެއްގެ ދިރިހުރުމާއި ކަރާމާތަށް ނުރައްކާވާ ކަމަށް ވިދާޅުވެފައިވެ އެވެ.
”މި އަމަލުތަކަކީ އެކަހެރި ހާދިސާތަކެއް ނޫން،“ އޭޖީ އުޝާމް ކޯޓުގައި ވިދާޅުވި އެވެ. “ބައިނަލްއަގުވާމީ ގާނޫނުތަކަށް އަމަލު ނުކުރުމަކީ އިޒްރޭލުން އަބަދުވެސް ކަންކުރާ ގޮތް“
އޭޖީ އުޝާމްގެ ވާހަކަތައް ނިންމަވާލެއްވުމުގެ ކުރިން ވަނީ ދެ ދައުލަތުގެ ހައްލަކަށް ތާއީދު ކުރާ ކަމަށާއި ނަމަވެސް 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ’އީސްޓް ޖެރޫސެލަމް‘ އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށާއި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލައްވާފަ އެވެ.
ދާއިމަށް ހަނގުރާމަ ހުއްޓާލުމަށާއި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކަމާއެކު ކަރާމާތްތެރިކަމާއެކު އެމީހުންގެ ގެދޮރަށް އެނބުރި ދިއުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން ފަހަތަށް ނުޖެހޭނެކަމަށް އޭޖީ އުޝާމް ވިދާޅުވި އެވެ.
ބަންޑާރަ ނައިބް އަހުމަދު އުޝާމް އަންރްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިޒްރޭލް