މި އަހަރު ނިމޭއިރު ކުންފުނީގެ ފައިދާ 100 މިލިއަން ރުފިޔާއިން މައްޗަށް އަރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެ އެވެ.
އޮންލައިން މީޑިއާއަކަށް މައުލޫމާތުދެއްވަމުން ރިޝްވާން ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު އެމްޕީއެލްއަށް 75 މިލިއަން ޑޮލަރުގެ ފައިދާ ލިބިފައިވާއިރު، ކުރީގެ އަހަރުތަކުގައި 200 މިލިއަން ރުފިޔާގެ ފައިދާ ވެސް ހޯދާފައިވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެން ރިޝްވާން ފާހަގަކުރެއްވި ގޮތުގައި މިވަގުތު ކުންފުނީގެ މާލީ ހާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ.
”ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމާ ގުޅިގެން ކުރަންޖެހޭ ޚަރަދުތައް ކުރަން ޖެހުމުން“ ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާ ކަމަށް ރިޝްވާން ވިދާޅުވި އެވެ. އެހެންނަމަވެސް މި ހާލަތު ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
އެމްޕީއެލްގެ އެންމެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ރިޝްވާން ފާހަގަކުރެއްވީ ތިލަފުއްޓަށް ކޮމާޝަލް ހާބަރު ބަދަލުކޮށް، އޮޕަރޭޝަން ފެށުން ކަމަށެވެ. މީގެ އިތުރުން މިވަގުތު އެމްޕީއެލްގެ ދަށުގައި ހުރި އަތޮޅުތެރޭގެ ޕޯޓުތަކުގެ ޚިދުމަތް ވެސް ފުޅާކުރުމަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
ކުންފުނީގެ ކުރިމަގާ މެދު ވާހަކަދައްކަވަމުން ރިޝްވާން ވިދާޅުވީ އައު ކަންކަން ކުރުމުގެ ބަދަލުގައި، މިހާރު ހުރި ޚިދުމަތްތައް ފުޅާކޮށް އާމްދަނީ އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. މިގޮތުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)