އަންހެން ކުއްޖާ ވެއްޓުނު މައްސަލަ: ފުލުހުން އުސޫލުތަކާ ހިލާފުވިތޯ ބަލަން އެންއައިސީގެ ތަހުގީގެއް

Advertisement

އެންމެ ފަސް

Advertisement

ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން ކުއްޖާ ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން އުސޫލުތަކާ ހިލާފުވިތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގެއް ފަށައިފި އެވެ.

މި ތަހުގީގު ފަށާފައިވަނީ މި މައްސަލައާ ގުޅިގެން ފުލުހުން ދެފުށް ފެންނަ ރަނގަޅު ތަހުގީގެއް ނުހިންގާކަމަށް ބުނެ ޒުވާނުންތަކެއް އިސްނަގައިގެން ކުރަމުން އަންނަ ސިލްސިލާ އިހުތިޖާޖުތަކަށް ފަހު އެވެ.

އެންއައިސީން ބުނީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ޤާނޫނާއި ގަވައިދާ ހިލާފަށް ފުލުހުން އަމަލުކުރަމުންދާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފުލުހުންގެ މައްޗަށް އެކި ތުހުމަތުތައްކޮށް ވާހަކަ ދެކެވެމުންދާތީ، މައްސަލައިގެ ތަހުގީގެއް ފެށުމަށް ނިންމީ ކަމަށެވެ.

މި ތަހުގީގަކީ އެ ކޮމިޝަނުން އަމިއްލަ އިސްނެގުމަށް ކުރިއަށް ގެންދާ ތަހުގީގެއްކަމަށް އެންއައިސީން ބުނެ އެވެ.

ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ދިވެހި ފުލުހުން ޤާނޫނާއި، ގަވާއިދާއި، ފުލުހުން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ހިލާފަށް އަމަލުކޮށްފައިވޭތޯ ބެލުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަށް 23 އޭޕްރިލްގައި ކޮމިޝަނުން ވަނީ ނިންމާފަ.

މި މައްސަލައިގައި މިހާރު ވަނީ އެ އަންހެން ކުއްޖާއާއެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާ ވެއްޓުނު ރޭ ވެއްޓުނު ގެއަށް ރައުދުއާއެކު އައުމުގެ ކުރިން ދިމާވި އެންމެންނާއި ރައުދުގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފަ އެވެ.

އަންހެން ކުއްޖާ ވެއްޓުމުގެ ކުރިން އެ ކުއްޖާއާއެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް އާ އެ ކުއްޖާއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރައުދުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބަންދުގެ މަޖިލީހުގަ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގެ އައިއޯ ވަނީ އަނިޔާ ލިބުނު ފަރާތާއި ރައުދުއާ ދެމެދު އެރޭ ހަމަނުޖެހުމެއް ހިނގާފައިވާކަމަށް ފުލުހުންގެ ތަހުގީގަށް އެގިފާވާކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީކަމަށް ބެލެވޭކަމަށް ރައުދު ބުނެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ