ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
މާދަމާގެ ޖަލްސާ ކެންސަލް ކޮށްފައި ވާކަން މެމްބަރުންނަށް އެންގީ މެސެޖަކުންނެވެ.
ނަމަވެސް ޖަލްސާ ކެންސަލް ކުރި ސަބަބެއް އަންގާފައެއްނުވެ އެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ޖަލްސާ މިދިޔަ ހަފުތާގައި ބޭއްވި ނަމަވެސް އޭގެ ކުރީ ހަފުތާގައި ބޭއްވީ އެންމެ ޖަލްސާއެކެވެ.
މާދަމާ މަޖިލީހުގެ ޖަލްސާއެއް ނުބާއްވަން ނިންުމުމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މިކަމާއި ގުޅިގެން މީކާއިލް އެކްސްގައިކުރި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކެންސަލްކުރީ އޭނާ ހޯމް މިނިސްޓަރު އަލީ އިހުސާންއާ މާދަމާ މަޖިލީހުގައި ސުވާލުކުރާ ގޮތަށް ޖަލްސާ އެޖެންޑާ ވެސް ކުރުމަށް ފަހު ކަމަށެވެ.
”މިއީ މީގެ 4 މަސް ކުރިން އަޅުގަނޑު ހޯމް މިނިސްޓަރާއި ސުވާލުކުރަން ފޮނުވި ނޯޓިހެއް. ނޯޓިސްގެ މުއްދަތަކީ 14 ދުވަސް. 14 ދުވަސް ފަހަނައަޅާ 5 ވަނަ މަހާއި ގާތްވެފައި ވަނިކޮށް މާދަމާއަށް މި ސުވާލު އެޖެންޑާކޮށްފިކަމަށް އެންގުމަށްފަހު ދެން އެންގީ މާދަމާ މަޖިލިސް ޖަލްސާއެއް ނޯންނާނެކަމަށް.“