ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ދައުވާކޮށް ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ރައީސްގެ އާއިލާގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލަތައް ހުށަހަޅާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ޙައްޤު ހިމާޔަތްކުރުމަށެވެ. އަދި ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވެސް، ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިނުގަނެވޭނެކަން ކަށަވަރުކުރުމަށްޓަކައި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެފައިވަނީ، ”މަންމައެއްގެ ހައިސިއްޔަތުން އަދި މުސްތަޤުބަލުގައި އެފަދަ މަޤާމުތަކުގައި ތިބެދާނެ އެހެން ކުދިންގެ ރައްކާތެރިކަމަށްޓަކައި މިފަދަ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް“ ކަމުގަ އެވެ.
މީގެ ކުރިން ސިވިލް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލައަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގަތުމުގެ މައްސަލައެކެވެ. މި މައްސަލަތައް ހުށަހެޅުމުގައި ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން ތަމްސީލުކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރެވެ.
އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު ވަނީ އެމްޑީޕީން ބޭއްވި އެއްވުންތަކެއްގައި ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސް މުއިއްޒުގެ ދަރިކަލުން ވޭޕް ބޭނުން ކުރާތީކަމަށް ބުނެފަ އެވެ. ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ މި މައްސަލައިގައި މަދަނީ ދައުވާ ކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްޑީޕީ ފައްޔާޒް އިސްމާއިލް ފެމިލީ ކޯޓް ސިވިލް ކޯޓު