ނ .މަނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެ އެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށް ސައިޓް މޯބަލައިޒްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެގޮތުން މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމްކުރުމާއި، ޕޮލިސް ޕޯސްޓެއް އިމާރާތްކުރުމާއި އަދި އައުޓްޑޯ ޖިމެއް ގާއިމްކުރުމެވެ. އަދި ހަމަ އެހެންމެ ކުޑަ ކުދީނަށް ޕާކެއް އެޅުން ވެސް ހިމެނެ އެވެ.
މި މަޝްރޫއުތަކަކީ 3000 މީހުންގެ އާބާދީއެއް ދިރިއުޅޭ މަނަދޫ ރައްޔިތުންނަށް އުމްރާނީ އަދި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފަ އެވެ.
މި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުންނެވެ. އެއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ވަކިވަކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެންނެވެ.
ސަރުކާރުން ވަނީ ހުއްޓިފައިވާ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފަށައިގެންފަ އެވެ. އަދި މި އަހަރަކީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހިނގާނެ އަހަރެއްކަމަށް ސަރުކާރުން މީގެކުރިން ހާމަކޮށްފައިވެ އެވެ.
ނ. މަނަދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)