ކުނި މެނޭޖްކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ދާއިރާގައި ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމް އާއި ޕާކިސްތާނުގެ ސްޓޭޓް މިނިސްޓަރ ޝެޒްރާ މަންސަބް އާއެކު ބޭއްވުނު ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އަދި މި ދާއިރާގައި ދެ ޤައުމުގެ ތަޖުރިބާ ޙިއްސާކުރުމާއި، ޤާބިލުކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަންވެސް ދެ ފަރާތުން ފާހަގަކުރި އެވެ.
ބައްދަލުވުމުގައި ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސެކެޕް) ގެ މުހިންމު ދައުރު ފާހަގަކޮށް، ސަރަޙައްދީ ފެންވަރުގައި ބަދަލު ގެނައުމުގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ދެ ފަރާތުންވެސް އަންގައިދީފައިވެ އެވެ.
