މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފި އެވެ.
މިއަދު ހެނދުނު 10:45 އިން މެންދުރު 14:00 އަށް ނެރުނު މި ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑު ގަދަވާނެ ކަމަށެވެ.
މެޓުން މަޢުލޫމާތު ދެއްވި ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ”ޓްރަފް“އަކާ ގުޅިގެން ކުރާ ވިއްސާރައެކެވެ. އަދި މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، މިއަދުން ފެށިގެން މިހާރަށްވުރެ ވައި އަދި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މާލޭގައި ފެން ހިންދުމުގެ މަސައްކަތް
މިއަދުގެ ގަދަ ވިއްސާރައާ ގުޅިގެން މާލޭގެ މަގުތަކުން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ. ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މާލޭގެ ތިން ސަރަހައްދެއްގައި ޖުމްލަ 7 ޕަންޕު ވަނީ ބަހައްޓާފަ އެވެ.
މެޓުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި މިއަންނަ ހުކުރު ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ އެވެ. ނަމަވެސް އެހާތަނަށް މޫސުން ގޯސްކޮށް ހުންނާނެ ކަމަށް ލަފާކުރެވޭތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްޔިތުންނަށް ސަމާލުވުމަށް އިރުޝާދު ދެއްވާފަ އެވެ.
އެމްއެންޑީއެފް މާލެ ސިޓީ ކައުންސިލް މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ
