އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ލިވަޕޫލްގެ އަކްޒާ ޓްރެއިނިން ސެންޓަރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައި، އެ ސެންޓަރުގެ ވަސީލަތްތައް ބައްލަވާލައްވައިފި އެވެ.
ލިވަޕޫލްގެ ފަސްޓް ޓީމާއި، ރިޒާވް ޓީމާއި، ޔޫތު ޓީމުގެ ތަމްރީނުތައް ކުރިއަށްގެންދާ އަކްޒާ ޓްރެއިނިން ސެންޓަރަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގައި ކުލަބުގެ ރަސްމީ ބައްދަލުވުންތައްވެސް ބާއްވަމުން ގެންދެ އެވެ.
އަކްޒާ ޓްރެއިނިން ސެންޓަރުގައި ނެޗުރަލް ގްރާސްގެ އަށް ދަނޑާއި، ޓާފް ދަނޑެއްގެ އިތުރުން، ޓެނިސް ކޯޓުތަކާއި، ބީޗްވޮލީބޯޅަ ކޯޓަކާއި، ޖިމްތައް ޤާއިމުކުރެވިފައިވެ އެވެ. އަދި އިންޑޯ ކުޅިވަރު ހޯލަކާއި، ސްވިމިން ޕޫލަކާއި، ހައިޑްރޯތެރަޕީ ކޮމްޕްލެކްސްއެއްވެސް ހިމެނެ އެވެ.
މީގެއިތުރުން، ކުޅުންތެރިންގެ ސްޕޯޓްސް ރިހެބިލިޓޭޝަނަށް ޚާއްސަ ބައެއްގެ އިތުރުން މެޑިކަލް ފަރުވާއަށް ބޭނުންވާ ވަސީލަތްތައްވެސް މި ސެންޓަރުގައި ޤާއިމުކުރެވިފައިވެ އެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، ލިވަޕޫލުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ލިވަޕޫލް ލިވަޕޫލް