ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މި މައްސަލަ 241 ކޮމިޓީން ބަލައިދިނުމަށްއެދި ފޮނުވި ސިޓީގައި ކުޑޫ ވިދާޅުވެފައިވަނީ، އެ މަރާގުޅިގެން އެރަށުގެ ރައްޔިތުން ގިނަ އިހުތިޖާޖުތަކެއް ކޮށްފައިވާ ކަމަށާއި އަދި އިންސާފަށް ރައްޔިތުން އެދެމުންދާ ކަމަށެވެ.
މި މަރާގުޅިގެން އެ ރަށުގައި ބިރުވެރިކަން އުފެދިފައިވާކަން ފާހަގަކޮށް ވިދާޅުވެފައިވަނީ ކަމާބެހޭ ފަރާތްތަކުން މި މައްސަލައިގައި ރައްޔިތުންނަށް އެކަށީގެންވާގޮތެއްގައި ޖަވާބުދާރީ ނުވާކަމުގެ ކަންބޮޑުވުންފާޅުކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ތަހުގީގާގުޅޭ އެކަށީގެންވާ މައުލޫމާތުވެސް ފުލުހުން ހާމަކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން މި ހައްސާސް މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ބަލައިދިނުމަށް އެދިފައިވެ އެވެ.
ނ. ހޮޅުދޫ، ނިއުލައިފް އަށް ނިސްބަތްވާ، ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، އޭނާ ދިރިއުޅުނު ގެއިންނެވެ. ފުލުހުން ކުރިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޒަކިއްޔާ މޫސާ މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި ވެއްޓިފައި އޮއްވަ އެވެ. އޭނާގެ ކަރުގައި ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާ އޮތް ދިމާލުގައި ވަޅިއެއްވެސް އޮތްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މިފަހުން ވިދާޅުވީ، ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އިހުމާލުތަކެއް ހުރިކަން ޤަބޫލުކުރައްވާ ކަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ހިނގަމުންދާގޮތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ވެސް އަންނަނީ ބަލަމުންނެވެ.
ރައްޔިތުންގެ މަޖިލިސް ދިވެހި ފުލުހުންގެ ޚިދުމަތް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ޒަކިއްޔާގެ މަރު