ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަކީ އާދައިގެ މަރެއް ނޫންކަމަށާއި، އެ މަރުގެ ތަހުގީގުތަކުގައި އިހުމާލެއް އޮތްތޯ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސީޕީ މިފަދައިން ވިދާޅުވެފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ހޮޅުދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާތީ، ހޯމް މިނިސްޓަރު އަލީ އިހުސާނާއެކު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.
50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅުނު ގޭގެ ގުދަނުންނެވެ.
މި މައްސަލައިގައި ބައްދަލުކުރަން އެދުނު އެންމެންނާ ބައްދަލުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި އޭގެތެރެއިން އެއް ބައްދަލުވުމުގައި ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެން ތަހުގީގުގެ ރިވިއުއެއް ހެދުމަށް އަންގާފައިވާ ކަމަށާއި، އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑަށްވެސް އެނގޭ މި ތަހުގީގުގައި ހަމަ ތި ބޭފުޅުންވެސް ތި ފާހަގަކުރައްވާ ގޮތަށް ހައެއްކަ މަސް ވަނީ. އެނގިލައްވާނެ މި ތަހުގީގުގައި އަޅުގަނޑުމެން ވަކި ގޮތެއް ނިންމާ ވަކި ގޮތަކަށް ހަދާނަމަ މިހާ ދުވަހެއް މިކަމަކަށް ނަގާކަށް ނުޖެހޭނެ،“ ސީޕީ ވިދާޅުވި އެވެ.
މި މައްސަލައިގައި ރާއްޖެއިން ބޭރުގެ ދެ ޓީމަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ރައުޔު ހޯދާފައިވާ ކަމަށާއި، ޕެތޮލޮޖިސްޓެއްގެ އިތުރުން ނަފުސާނީ އިލްމުވެރިންނާއި މިފަދަ މައްސަލަތަކުގެ ތަޖުރިބާކާރުންނާއެކު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
ފުލުހުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވެފައިވަނީ މިހާތަނަށް ބެލި ބެލުމުން އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން ފާހަގަނުކުރެވޭ ކަމަށެވެ. ނަމަވެސް، ޒަކިއްޔާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުންނާއި ކައިރީގައި ވަޅިއެއް އޮތުމާ ގުޅިގެން އެ ރަށު ރައްޔިތުން ވަނީ މި މަރާމެދު ޝައްކު އުފައްދާފަ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދިވެހި ފުލުހުންގެ ޚިދުމަތް ޒަކިއްޔާގެ މަރު