ދ. ރިނބުދޫ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި، ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.
އެރަށު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ. އަދި އޭޓީއެމްގެ ހިދުމަތް އެރަށުގައި ފައްޓަވައިދެއްވާފައި ވަނީ އެރަށުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ދ. އަތޮޅުގެ ޢިއްޒަތްތެރި ބައެއް މެންބަރުންނާއި، ދައުލަތުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި، ރިނބުދޫ ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ އެންމެހައި މެންބަރުންނާއި، އެ ރަށު ޑަބްލިޔޫޑީސީގެ އެންމެހައި މެންބަރުންނާއި، ރިނބުދޫގެ މުއައްސަސާތަކުގެ ވެރިންނާއި، އެ ރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވި އެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އައު ޢިމާރާތުގެ މަސައްކަތްކުރައްވަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ”ހެކްސްޓަރ ގްލޯބަލް“ އިންނެވެ.
އެގޮތުން، ބޭންކު އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ މުޅި ރާއްޖޭގައި ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ރިނބުދޫގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފުކުރެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ބަނޑިދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށާއި ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 154 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލް އިން އަންނަނީ ދެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް މިނިސްޓަރު އާދަމް ޝަރީފް އުމަރު