ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ)ގެ ސީއީއޯ، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަނީސް މަޤާމުގެ މަސްހޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޕޮލްކޯގެ ސީއީއޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕޮލްކޯގެ ބޯޑަށް ހުށަހެޅިފައިވާތީ، މި މައްސަލަ ނިމެންދެން އޭނާ ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ 2025 ފެބްރުއަރީ 23 ވަނަ ދުވަހު ބޭއްވުނު ޕޮލްކޯ ބޯޑުގެ ބައްދަލުވުމުގަ އެވެ.
ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުން، ޕޮލްކޯގެ ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގެ ޒިންމާ ވަނީ ކުންފުނީގެ ސެކްރެޓަރީ އިބްރާހިމް ޚަލީލްއާ ހަވާލުކޮށްފަ އެވެ. އިބްރާހިމް ޚަލީލްއަކީ 2020 ޖުލައި މަހުން ފެށިގެން ޕޮލްކޯގެ ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
މި މައްސަލަ މިހެން ދިމާވެފައިވަނީ ހުޅުމާލޭގައި ފުލުހުންނަށް ފްލެޓް އެޅުމަށް ޕޮލްކޯއާ ހަވާލުކޮށްގެން ހިންގި ’ބްލޫސް ހައުސިން މަޝްރޫއު‘އާ ގުޅިގެން އުފެދިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެންނެވެ. މި މަޝްރޫއުގެ ތަހުގީގަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ކުރިން ވެސް ޕޮލްކޯއަށް ވަދެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ބައްދަލުވުމެއްގައި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވި ގޮތުގައި، ”ޕޮލްކޯގެ ތެރޭގައި ހިންގި ހިޔާނާތުގެ އިތުރު މައްސަލަތަކެއްގެ މައުލޫމާތު ލިބިފައިވަނީ ފުލުހުންގެ ’ވިސްލްބްލޯވަރެއް’ގެ ފަރާތުން އީމެއިލް މެދުވެރިކޮށް“ ކަމަށެވެ.
ފްލެޓުތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވުމާ ގުޅިގެން، އެ ކުންފުނީގެ އިތުރު ކޮރަޕްޝަންގެ މައްސަލަތަކެއްގެ ވާހަކަ ވެސް ވަނީ އާންމުވެފަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)