ރާއްޖޭގައި އައުކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 90 މެގަވޮޓްގެ ސޯލާ ޕީވީ އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވެއްޖެ އެވެ.
ސްޓޭޓް މިނިސްޓަރ ފާއިޒް މިކަން ހާމަކުރެއްވީ ބްރިޓިޝް ހައި ކޮމިޝަނުގެ އިސްނެގުމާއެކު ވިލާ ކޮލެޖާއި ޔޫއެންޑީޕީއިން ގުޅިގެން ބޭއްވި ”ކޮންވަޒޭޝަން އޮން ކްލީން އެނާޖީ އެންޑް ކްލައިމެޓް ޗޭންޖް މިޓިގޭޝަން“ ބައްދަލުވުމުގަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަކީ އެންމެ ބޮޑަށް ގެއްލުން ލިބޭ ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމަށް ފާހަގަކުރެއްވި އެވެ. އަދ ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކަނޑުގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ފަރުތަކަށް ލިބެމުންދާ ގެއްލުމާއި، މޫސުމީ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާކަމަށެވެ.
މި ކަންކަމާ ގުޅިގެން އެޅޭ ފިޔަވަޅުތަކުގެ ތެރެއިން، ހުރިހާ ދާއިރާއަކުންވެސް މަސައްކަތްކުރެވޭނެ ގޮތަށް އަޕްޑޭޓްކުރެވިފައިވާ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) އެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޭނާ ހާމަކުރެއްވި އެވެ.
ސްޓޭޓް މިނިސްޓަރ ފާއިޒް ހާމަކުރެއްވި ގޮތުގައި، ރާއްޖެއަށް ފޮސިލް ފިއުލް އެތެރެކުރުމަށާއި ރައްޔިތުންނަށް ކަރަންޓު ސަބްސިޑީގެ ގޮތުގައި އަހަރަކު 150 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޚަރަދުކުރަމުންދެއެވެ. މި ޚަރަދު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.