ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް މިއަހަރު ރޯދަ އިނާޔަތް ހަމަޖެހިގެން ގޮސްފައިވެ އެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އުފެއްދެވުމުގެ މަޤްޞަދު
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަސްވެރިންނަށް ރޯދަ އިނާޔަތް ދިނުމަށްޓަކައި ކަޑައްތުކުރަންޖެހޭ ގިނަ މަރުޙަލާތަކެއް އެބަހުރެ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިޔަވަޅަކީ މަސްވެރިންގެ ޤައުމީ ދަފްތަރު އިޢުލާންކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. މަސްވެރިންނަކީ ދާއިމީ ގޮތެއްގައި މެދުކެނޑުމެއްނެތި އާމްދަނީ ލިބޭ ބައެއްކަން ބޭންކިންގ ނިޒާމުގެ ތެރެއިން ދެނެވިފައިނުވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
މަސްވެރިންނަށް އިތުރު ލުއިފަސޭހަތައް
މިއަހަރުގެ ތެރޭގައި މަސްވެރިންނަށް ބޭންކިންގ ނިޒާމުތަކުގެ ތެރެއިން ލޯނު ނެގުމާއި، އެސްޓީއޯ ކްރެޑިޓް ސްކީމް ލިބޭނެ ގޮތް ފަހިވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ރޯދަ އިނާޔަތަކީ ނިޒާމުގެ ތެރެއިން މަސައްކަތްކުރާ ކޮންމެ ދިވެއްސަކަށް ނުވަތަ މުސްލިމަކަށް ލިބެންޖެހޭ އެއްޗެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.