ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުމުން އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި 7 ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލު ކުރުމަށް ހުށަހަޅާފަ އެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފޮނުވާފައިވާ ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މެންބަރު މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްގައި ހިނގާނެ ބަހުސަކާ ގުޅޭ މައުލޫއަކަށް އޮތް މައްސަލައަކަށް ވާތީ އެ މައްސަލައިގައި، ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތު ހަމަނުވާތީ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅެން ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ، ސުޕްރީމް ކޯޓު އެކުލެވިފައިވާގޮތް ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެގޮތުން މި އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓު އެކުލެވިގެންދަނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނުކުރެވިފައިވާ ޖުމުލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް، މި ޤާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މެންބަރު މީކާއިލް ނަސީމް ސުޕްރީމް ކޯޓު