ލ. އަތޮޅު ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
މި ނިންމެވުމާ ގުޅިގެން ރައީސް ވަނީ އިއްޔެ ޤަރާރެއް ނެރުއްވައި، ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފަ އެވެ.
ރައީސް މުޢިއްޒު މިގޮތަށް ނިންމަވާފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ޤާނޫނުން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވެ އެވެ.
ބޮޑުފިނޮޅަކީ ލ. ގަމުގެ ތުނޑި އަވަށު ކޮޅުގައި، އެ ރަށާ އެއް ފަޅެއްގައި އޮންނަ ރަށެކެވެ.
މި ރަށަކީ ކުރިން ލ. އަތޮޅުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏަށް ދޫކޮށްފައިވާ ރަށެކެވެ.
އެހެން ނަމަވެސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ އެ ރަށް އިންވެސްޓަރުގެ އަތުން ދައުލަތަށް ނަގާފަ އެވެ.