ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަށް ތަދައްޚުލުވުމަށް ހުށަހެޅުމަށްފަހު ދަ ޑިމޮކްރެޓްސްއިން މައްސަލައިން ބޭރުވެއްޖެ އެވެ.
ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. މި މައްސަލައިގެ ދެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި މައްސަލަ އަށް އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ތަދައްޚުލުވިނަމަވެސް މިހާރު ޑިމޮކްރެޓްސްއިން ވަނީ އެ މައްސަލައިން ބޭރުވެފަ އެވެ.
ޑިމޮކްރެޓްސްއިން މައްސަލައިން ބޭރުވުމުން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒަށް ތައުރީފް ކުރައްވާ ޓްވީޓް ކުރައްވާފަ އެވެ.
އެގޮތުން ފަލާހު ވިދާޅުވީ، ސިޔާސީ ޚިޔާލު ތަފާތުވިއަސް ހައްޤު ބަސް ބުނަން ކެރެންވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އަސާސީ އިން ދީފައިވާ ބާރު މަޖިލީހުން ފުރިހަމަ އަށް ދަމަހައްޓާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ފަލާހު ވިދާޅުވީ އިންތި އަކީ ”ބަތޮލެއް“ ކަމަށެވެ.
ޑިމޮކްރެޓްސްއިން މައްސަލައިން ބޭރުވިއިރު މިމައްސަލައިގައި ސުޕްރީމް ކޯޓުން މިހާރު ވަނީ ދައުލަތަށް ޖަވާބު ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. ސުޕްރީމް ކޯޓުގައި މިމައްސަލަ އެ ކޯޓުގެ ފުލް ބެންޗުން ބަލާއިރު ބެންޗުގެ ރިޔާސަތުގައި އިންނަވާނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.
ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާ، މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސް، ކޮމިޓީގެ މަސައްކަތް ނިންމާ، މަޖިލީހުން ބިލު ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާފައިވެ އެވެ.
މި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ އަލީ ހުސެއިން އިމްތިޔާޒް ފަހުމީ (އިންތި) އެމްޑީޕީ ދަ ޑިމޮކްރެޓްސް ސުޕްރީމް ކޯޓު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު