ކ. ގުޅީގައި ވެމްކޯގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފި އެވެ.
މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޠާރިޤު ވިދާޅުވީ، ގުޅީއަކީ މިހާރުވެސް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ރަށެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، ވެމްކޯގެ ޚިދުމަތް ފެށުމާއެކު ކުނި ނެގުމާއި މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދެވޭނެ އެވެ. އަދި މީގެ ސަބަބުން ކުނި އުކާލުމުގެ ނިޒާމު ހަރުދަނާވެ، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅެއް އެޅިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
”ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެމްކޯއިން ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް އެ ކުންފުނީގެ ޚިދުމަތް ފުޅާކޮށްފައި,“ މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ޤައުމީ ޕްލޭނެއް އެކުލަވާލާފަ އެވެ. މި ޕްލޭންގެ ދަށުން ކުނި މެނޭޖްކުރުމުގެ ހާލަތު ވަޒަންކޮށް، ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއި، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ހިމެނެ އެވެ.
ކ. ގުޅި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މިނިސްޓަރ ޠާރިޤު އިބްރާހީމް
