އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖް ފެބްރުއަރީ 1 ވަނަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ނިންމައިފި އެވެ
މި މަޢުލޫމާތު ހާމަކޮށްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
ހަންކެޑެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހަދާފައިވާ ބްރިޖެކެވެ. މި ބްރިޖު މެދުވެރިކޮށް އައްޑޫ ސިޓީގެ ގައުކެނޑި އާއި މަރަދޫ ވަނީ ގުޅާލާފަ އެވެ. އެމްޑީޕީގެ ސަރުކާރުން ފެށި މި މަޝްރޫޢުގެ މަސައްކަތް ނިމުނު ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން އާންމުންނަށް ހުޅުވާނުލައި ބޭއްވުމާ ގުޅިގެން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މި މަޝްރޫއަކީ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ނިންމާފައިވާ މަޝްރޫއެކެވެ.
މީގެ ކުރިން، މިދިޔަ ޖުލައި މަހު މި ބްރިޖު ހުޅުވާލާނެ ކަމަށް ސަރުކާރުން އިޢުލާނުކުރި ނަމަވެސް، އެ ތާރީޚު ފަހަނައަޅައި ދިޔައީ ބްރިޖު ހުޅުވުމަކާ ނުލަ އެވެ. މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ގިނަ ރައްޔިތުން މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މި ބްރިޖު ހުޅުވުމުން އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ހަންކެޑެ ބްރިޖް އައްޑޫ ސިޓީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ