ހއ. އުތީމު ކައުންސިލްގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސް މުޢިއްޒު މިހާރު ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އުތީމަށް ވަޑައިގެން، އެރަށު ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އުތީމު ކައުންސިލްގެ ބިންގާ އަޅުއްވައި ދެއްވީ ކައުންސިލް ރައީސް އާއި ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
މި އިމާރާތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ. މި މަޝްރޫޢުގެ ދަށުން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކުގެ އައު އިމާރާތްތަކުގެ މަސައްކަތް ކުރަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ”ހެކްސްޓާ ގްލޯބަލް“ އިންނެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސް މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް އިތުރު ލުއިފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މުރައިދޫ އާއި ފިއްލަދޫއަށް ވަޑައިގެން، އެ ރަށްރަށުގެ ކައުންސިލްގެ އާ އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފަ އެވެ.