ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަގާމުން ދުރުކުރަން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ތެރެއިން ކުރަމުން އަންނަކަމަށް ދެކެވޭ ވާހަކަ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދޮގު ކުރައްވައިފި އެވެ.
ޖަވިޔަނި ނޫހަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވީ އަބްދުއްރަހީމް މަގާމުން ދުރުކުރުމަށް އެއްވެސް މަސައްކަތެއް ޕާޓީ ތެރޭގައި ކުރިއަށް ނުދާ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް ކުރެވިފައިނުވާކަމަށް ފަލާހު ވިދާޅުވި އެވެ.
ކަނޑައެޅިގެން ދޮގު ހަބަރެއް. އެފަދަ މަސައްކަތެއް ނުކުރަން.
މީގެ އިތުރުން މަޖިލިސް ރައީސް އަބްދުއްރަހީމްގެ ފަރާތުންވެސް އެއްވެސް ކަހަލަ ހިތްހަމަ ނުޖެހުމެއް ނާންނަ ކަމަށާއި ޝަކުވާއެއްވެސް ނާންނަކަމަށް ފަލާހު ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ ދައުރު ނޫހަށް ދިން އިންޓަވިއުއެއްގައި އޭނާގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކި ކުރެއްވުމުން ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފަ އެވެ. އެގޮތުން ފައިސަލް ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމާއި ފައިސަލް ވަކިކުރުމަކީ ވަރަށް ދެރަވަރުކޮށް ކުރެއްވި ކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ފައިސަލްގެ ފަރާތުން މި ސަރުކާރަށް އަދި ރައީސްއަށް ވެސް ދެރަވާނޭ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށާއި ފައިސަލް ވަޒީރު ކަމުގައި މިވީ ދުވަސްތަކުގައި ހިޔާނާތުގެ އެއްވެސް ކަމެއް ހިންގަވާފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުމާ މެދު ދައުރު ނޫހުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، ”އަޅުގަނޑާ ރައީސް އާ ދޭތެރޭ ގުޅުން ރަނގަޅު ނަަމަ މިކަން ނުހިނގާނެ“ ކަމަށެވެ.
”މިވެރިކަން ފެށުނުއިރު [ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަށް ފަހު އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ރައީސް މުއިއްޒު ހަވާލު ކުރެއްވީ ނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަންކޮށްފައިވަނީ ނޮވެމްބަރު 17، 2023 ގަ އެވެ. ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ފައިސަލް ހުންނެވީ 1 އަހަރާ 2 މަހާއި 12 ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ކޮންގްރެސް ޕާޓީ އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިނިސްޓްރީ އޮފް ޓޫރިޒަމް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
