މޯބައިލް ދެ ޔުނިޓާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒު ބަހައްޓަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ، ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު މާކުރަތަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫއުތައް ބެލެހެއްޓުމާއި، ރަށްރަށުގެ ތަންތަން މަރާމާތު ކުރުމާއި އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގައި ޕަބްލިކް ވޯކްސްގެ މަސައްކަތް ވަރަށް މުހިންމު ކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒެއް ގާއިމް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި، މިއަހަރުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ރަށްރަށުގައި ކުރަން ހުންނަ ކުދިކުދި މަސައްކަތްތައް ކުރަން ބޭނުންވާ އާލަތްތަކާއި މީހުން ފޯރުކޮށްދެނީ ޕަބްލިކް ވޯކްސް އިން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ މަރުކަޒެެއް ގާއިމްކުރުމުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި، އެއްތަނުން އަނެއްތަނަށް ބަދަލުކޮށް ގެންގުޅޭ މޯބައިލް ދެ ޔުނިޓެއް ގާއިމްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރ. މާކުރަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް