ޖަމްއިއްޔާތަކުން އެދުނު ގޮތަށް ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ޒުވާނުން ބާރުވެރިކުރެވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މެންދުރު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، ޖަމިއްޔާތަކުގެ ރަޖިސްޓްރީ ކުރަން ހުށައަޅަންޖެހޭ ލިޔެކިޔުންތައް ގަވައިދާ ހިލާފަށް ހުށައަޅާފައިވާތީ އިންއެކްޓިވް ވެފައިވާ ޖަމިއްޔާތައް އެކްޓިވް ކުރުމަށްޓަކައި ހުށައަޅަންޖެހޭ ލިޔެކިއުންތައް ހުށައެޅުމަށް 6 މަސް އިތުރަށް ދިނުމަށް ނިންމާފައިވެ އެވެ. މި މުއްދަތު ހަމަވާނީ 20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00 އަށެވެ.
ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި އިތުރު ފުރުސަތު ދެވިފައިވަނީ 1971 އަދި 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމިއްޔާއަށެވެ. މި މުއްދަތުގެ ތެރޭގައި ޖަމްއިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމްއިއްޔާތައް ޤާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެ އެވެ.
އިންއެކްޓިވް ވެފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން، ޖަމްއިއްޔާ އެކްޓިވް ކުރުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރަން ބޭނުންވާ ޖަމްއިއްޔާތަކުން ލިޔުންތައް އީމެއިލް ކުރުމަށް ވުޒާރާއިން އެދިފައިވެ އެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ވުޒާރާގެ ނަންބަރު 4000488 ނުވަތަ 4000497 އަށް ގުޅުމަށްވެސް އަންގާފައިވެ އެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް