ރާއްޖެއާއި ޕާކިސްތާނާއި ދެމެދު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައި އެވެ.
މި މަޝްވަރާތައް ކުރައްވާފައި ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޑރ. ޚަލީލު ވަނީ ސަފީރު ފައިސަލް ރަސުލް ލޯދި އަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާން ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކޮށް އެކަމަށް ޝުކުރުދަންނަވައި ރާއްޖެއާއި ޕާކިސްތާން އާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމަގައި ސަފީރު ފައިސަލް ރަސުލް ލޯދި ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިކޮށް، ދެޤައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ އަދި ޑިރެކްޓަރ އަޝީރު އަބްދުލް އަޒީޒް ބައިވެރިވެ ވަޑައިގަތެވެ. ޕާކިސްތާނުގެ ސަފީރުގެ އަރިހުގައި އެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޒުލްޤަރުނައިން އަޙްމަދު ބައިވެރިވި އެވެ.