މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ކައުންސިލަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސާ އެކު ބޭއްވި މަޝްވަރާތަކާ ގުޅިގެން ލުބްނާ ވިދާޅުވީ، މި ބައްދަލުވުންތަކުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުން ކަމަށެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ބައެއް ކްލާސްތަކަށް ހާޒިރުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ މި މަސަކަތްތަކުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެޑިކްޝަން ކައުންސިލަރުން ބިނާ ކުރާނަން.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާތީ ވިސްނުން ހުރީ ކޮމިއުނިޓީގައި ކުދިން ބައިތިއްބައިގެން ރީއިންޓަގްރޭޓް ކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓް ޕޭޝަންޓްގެ ހިދުމަތް ދިނުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާ އެ މަސައްކަތް ކޮށްފަ އެވެ. މިހާރު އެ ބިލުވަނީ މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މަސްތުވާތަކެތި މިނިސްޓްރީ އޮފް ހެލްތް