އިސްލާމިކް މިނިސްޓްރީގެ އެކްޝަން ޕްލޭންގައިވާ ގިނަކަންކަން ހާސިލްކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޮނިހިރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތަކީ މިނިސްޓްރީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް، މިނިސްޓްރީއައް ގިނަ ދުވަހު މަސައްކަތް ކޮށްދެއްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.
މި ރަސްމިއްޔާތުގައި މިއަހަރު އެންމެ ހާޒިރީ ރަނގަޅު މުވައްޒަފުންނަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެ އެވެ. އަދި މިނިސްޓްރީއަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރައްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެ އެވެ.
މީގެ އިތުރުން، މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން އެންމެ ރަނގަޅު މުވައްޒަފުން ހޮވައި، ހަނދާނީ ފިލާ ދީފައިވެ އެވެ. އަދި މިނިސްޓްރީގެ ސެކްޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ސެކްޝަންތަކާއި މަހާސިންތާތަކުގެ ތެރެއިން އެންމެ ރަނގަޅު މަހާސިންތާތަކަށް ވެސް ވަނީ ހަނދާނީ ފިލާ ދީފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެކްޝަން ޕްލޭންގައި ޙާސިލްކުރަން ކަނޑައެޅި ކަންތައްތަކުގެ ތެރެއިން 98 އިންސައްތަ ޙާސިލްކުރެވިފައިވާ ކަމަށާއި، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް މިނިސްޓްރީގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް