2024 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ރަހީނު ކުރި މައްސަލާގައި ހައްޔަރުކޮށްފައި ވަނިކޮށް އަމިއްލައަށް މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައާ ގުޅިގެން ދެ ފުލުހަކަށް ދައުވާ ކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ށ. މިލަނދޫ، ހެޕީލޭންޑް، އާދަމް އަތުހަރު މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާ އަމިއްލައަށް މަރުވާ މަސައްކަތްކުރުމުން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށެވެ.
މި މައްސަލައާ ގުޅިގެން ”ޖަވިޔަނި“އަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އަތުހަރުގެ މަރާ ގުޅިގެން ދެ ފުލުހަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިވަގުތު ހާމަކުރެވެން ނެތްކަމަށް ވިދާޅުވި އެވެ.
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ރަހީނު ކުރި މައްސަލާގައި ފުލުހުންގެ ހައްޔަރަށް އަތުހަރު ގެނެވުނީ އޭނާގެ ބޮލަށް ފުލުހުން މުގުރުން ހަމަލާ ދިނުމަށްފަހު އެވެ. ސޯޝަލްމީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެނުނުގޮތުގައި އޭނާގެ ބޮލަށް އަމާޒުކޮށް ފުލުހުން މުގުރު ބޭނުންކޮށްފައިވެ އެވެ.
އަތުހަރު މަރުވީ އޭނާ އަމިއްލައަށް މަރުވާން ކުރި މަސައްކަތުގެ ސަބަބުންކަމަށް ޕޯސްޓްމޯޓަމްއިން ދައްކާފައިވާކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ.
މިމައްސަލައިގައި އެޗްއާރްސީއެމުން މީގެކުރިން ބުނެފައިވަނީ، އަތުހަރު 2024 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފުލުހުންގެ އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާގޮތާއި، މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ފަރާތްތަކަށް އެރޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި އަދި މި ހާދިސާގައި ފުލުހުންގެ ބެލުމުގެދަށަށް އަތުހަރު ގެންދިއުމަށްފަހު އޭނާއަށް ސިއްހީ ފަރުވާ ފޯރު ކޮށްދިނުމުގައިއަމަލު ކޮށްފައިވާ ގޮތް ހާދިސާ ހިނގި ރެއިން ފެށިގެން ބަލަމުންދާ ކަމަށެވެ. މީގެއިތުރުން، ފުލުހުންގެ ބެލުމުގެ ދަށުގައި އަތުހަރު ވަނިކޮށް 2024 ސެޕްޓެމްބަރު 01 ވަނަ ދުވަހު އަތުހަރު އަމިއްލައަށް މަރުވާން އުޅުނު ހާދިސާއާއި އޭނާ ނިޔާވި މައްސަލައިގައި ކަން ހިނގާދިޔަ ގޮތްވެސް ބަލާނެ ކަމަށް ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)