ތިމަރަފުށި މާރާމާރިއާ ގުޅިގެން ހައްޔަރުކުރި 3 މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ އިއްޔެ މެންދުރު 1:27 ގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވުނު ފަސް މީހުންނަކީ:
- އަޙްމަދު އަމީން (36 އަހަރު، ޖަހާމުގުރިގެ / ތިމަރަފުށި)
- އަޙްމަދު ޝަހުދީ (38 އަހަރު، ސަލްވާ / ތިމަރަފުށި)
- މުޙައްމަދު ރައޫފު (54 އަހަރު، ވ. ވާވަތް)
- ޢަބްދުﷲ އަޝްރަފް (39 އަހަރު، ގުލްބަކާ ވިލާ / ތިމަރަފުށި)
- އާސް އިބްރާހިމް (32 އަހަރު، ހިރި / ތިމަރަފުށި)
ފުލުހުން ބުނީ އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން ޢަބްދުﷲ އަޝްރަފާއި، އާސް އިބްރާހިމް އަދި މުޙައްމަދު ރައޫފުގެ ބަންދަށް 10 ދުވަސް ކޯތުން ޖަހައިދީފައިވާ ކަމަށެވެ. އަދި އަޙްމަދު އަމީންގެ ބަންދަށް 7 ދުވަސް ކޯޓުން ދިންއިރު، އަޙްމަދު ޝަހުދަށް ދިނީ 5 ދުވަހުގެ ބަންދެއް ކަމަށް ފުލުހުން ބުނި އެވެ.
މި މާރާމާރީގައި ހަމަލާ ދީފައިވަނީ ފަސް މީހުންގެ ގްރޫޕަކުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވޭތޯ ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދިނުމަށް އިންކާރުކުރި ނަމަވެސް، މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ.