އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ޑްރޯން ޝޯ ނ. ވެލިދޫގައި ކުރިއަށް ގެންގޮސްފި އެވެ.
މި ޝޯ ބޭއްވުނީ ވެލިދޫ ކައުންސިލުން ކުރިއަށްގެންދާ ”ވިޒިޓް ވެލިދޫ“ ޝިއާރުގެ ދަށުން، ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި ވެލިދޫއަށް ޒިޔާރަތްކުރުމުގެ ޝައުގު އުފެއްދުމުގެ މަޤްޞަދުގަ އެވެ.
ވެލިދޫ ކައުންސިލްގެ ރައީސް އާޠިފް ޙުސެއިން ޖަވިޔަނި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ޑްރޯން ޝޯ އިންތިޒާމުކޮށްފައިވަނީ މުހިއްމު އިވެންޓްތައް އިންތިޒާމުކުރާ ”ޕިރާޑް“ އިންނެވެ. މި ޝޯގައި 200 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ވެލިދޫގެ އުޑުގައި ތަފާތު މަންޒަރުތަކެއް ދައްކުވައިދީފައިވެ އެވެ.
ޝޯގައި ދައްކުވައިދިން މަންޒަރުތަކުގެ ތެރޭގައި ”ވިޒިޓް ވެލިދޫ“ ލޯގޯގެ އިތުރުން އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތު ރަމްޒުކޮށްދޭ ގިނަ މަންޒަރުތަކެއް ހިމެނެ އެވެ. މި މަންޒަރުތައް ވެލިދޫގެ އުޑުގައި ދިއްލައިލައިފައިވާކަން ފާހަގަކުރެވެ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޑްރޯން ޝޯއެއް ބޭއްވިފައިވަނީ މިދިޔަ އަހަރުގެ ޖުލައި 29 ވަނަ ދުވަހު، މާލޭގައި ބޭއްވުނު ”މިނިވަން އުފާ ކާނިވާ“ ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.