ގޯތި ލިސްޓުގެ ބޭއިންސާފުކަމުގެ ވާހަކަ މީގެ ކުރިންވެސް ދައްކަވާފައިވާ ކަމަށާއި އޭރު އެއްވެސް ފިޔަވަޅެއް އެކަމުގައި އަޅާފައި ނުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެޗްޑީސީގެ ހިޔާނާތާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ މިއީ ކުރީގައިވެސް ދެކެވުނު ވާހަކައެއް ކަމަށާއި، ކުރީގައިވެސް ގޯތި ލިސްޓު އެކުލަވާލެވިފައިވަނީ ބޭއިންސާފުން ކަމަށެވެ.
ނަޝީދު އިތުރަށް ފާހަގަކުރައްވާފައިވަނީ މިފަހަރުވެސް އެ ބޭއިންސާފަށް އިތުރު ބޮޅެއް އެކުލަވާލެވިފައިވާ ކަމަށެވެ. ނަމަވެސް، މިފަހަރު މި މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށާއި، އެޗްޑީސީގެ ވެރިން ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ނަޝީދު ވަނީ ފުލުހުން ރަނގަޅު ތަޙުޤީޤެއް ހިންގާ، އެޗްޑީސީގެ އައު ސީއީއޯ މަޢުރޫފު ޖަމީލު މި މައްސަލަތައް އިޞްލާޙު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރުވެސް ރައީސް ނަޝީދު ވަނީ އޭރުގައި ގޯތިތައް ބަހާލިގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އޭރުގައި ތައްޔާރުކުރި ފްލެޓް ލިސްޓުގެ މައްސަލައާ، އޭގެއިތުރުންވެސް ސަރުކާރުގެ ތެރޭގައި ހިންގަމުންދިޔަ ކަމަށް ތުހުމަތުކުރެވުނު ކޮރަޕްޝަންގެ ކަންކަމުގައި ރައީސް ނަޝީދު ފާޅުގައި ސަރުކާރާއި ދެކޮޅަށް ބަސް ވިދާޅުވެފައިވެ އެވެ. އެ މައްސަލާގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ ވަފާތެރިންނާއި، ނަސީދުގެ ސަޕޯޓަރުންނާއިމެދު ބޮޑެތި މައްސަލަތަކެއްވެސް ޖެހުނު އެވެ.
އެޗްޑީސީގެ ހިޔާނާތުގެ މައްސަލަ ފެންމަތިވުމާއެކު، މި ސަރުކާރުން ވަނީ އެ މައްސަލައިގެ ތަހުޤީޤް ފަށައިފަ އެވެ. އެގޮތުން ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މައްސަލަ ތަހުޤީޤްކުރަމުން އަންނައިރު މައްސަލާގައި މިހާތަނަށް 40 އަށްވުރެ ގިނަ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. އޭގެތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި ފަޒުލް ރަޝީދާއި، އުސޫލުން ބޭރުން އޭނާ ގޯއްޗެއް ދިން ކަމަށް ތުހުމަތުކުރެވޭ އޭނާގެ ބޭބެ ފަޒީލް ރަޝީދާއި، އެޗްޑީސީއާ ހައުސިން މިނިސްޓްރީގެ ވެރިންގެ އިތުރުން، އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިންވެސް ހިމެނެ އެވެ. އެއީ އަކްރަމް ކަމާލުއްދީންއާ، އިތުރު ދެ މީހެކެވެ.
މައްސަލަ ފެންމަތިވުމާއެކު ފަޒުލް ވަނީ ހޮނިހިރު ދުވަހުގެރޭގަ އިސްތިއުފާ ދެއްވާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މުހައްމަދު ނަޝީދު އެޗްޑީސީ ހިޔާނަތް