އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް މިރޭ ދެއްވައިފިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ނާޡިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް 24 ގަޑިއިރު މަސައްކަތްޕުޅު ކުރައްވަމުންނެވެ. އަދި މިކަމުގެ ޔަގީންކަން އޮތީ ދެ ސަބަބަކަށްޓަކައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދެ ސަބަބަކަށްޓަކައި އަޅުގަނޑު މިހެން މި ދެންނެވީ. އެންމެ ފުރަތަމަ ސަބަބަކީ އެމަނިކުފާނުގެ(ރައީސުލް ޖުމްހޫރިއްޔާގެ) ވައުދުފުޅުތައް ފުއްދެވުމަށް އެމަނިކުފާނަކީ 24ގަޑިއިރު މަސައްކަތްކުރައްވާ ވެރިއެއް.އެމަނިކުފާނާއެކު މި ރަސްމީ ސިފައެއްގައި މަސައްކަތް ކުރެވުނު 13 ވަރަކަށް މަސްދުވަސްތެރޭގައި، އެމަނިކުފާނުގެ ޒައާމަތުގައި އަޅުގަނޑަށް ފެނުނީ އެކަން. އެކަށަވަރުކަން އަޅުގަނޑަށް އޮތީތީވެ އެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އަދި ދެ ވަނަ ސަބަބަކީ އުނގޫފާރު ރައްޔިތުން ތި ތިބީ އުނގޫފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލު ކުރަން ބޭނުންވެފައިކަން އަޅުގަނޑުމެނަށް ޔަގީންވާތީ
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް އުނގޫފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރެއްވުމަށް ހެލްތް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ބައްލަވައި، އެކަން ބާރު ސްޕީޑުގައި ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ދޭން ފެށުމަކީ ޓާރޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހެލްތް މިނިސްޓަރު ނާޡިމް ވަނީ އެ ހޮސްޕިޓަލުގެ ވެރިންނާއި ރަށުގެ ރައްޔިތުން ހޮސްޕިޓަލުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުނގޫފާރު މިނިސްޓްރީ އޮފް ހެލްތް