ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ނުކުރާ ކަމަށާއި އެކަމުގެ ނިޔަތެއް ވެސް ނެތް ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ ”ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން“ ގެ ނަމުގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރާނެ ކަމަށާއި އެކަން ނުކޮށް މި ސަރުކާރުން ހުއްޓާނުލާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރަނީ މި ސަރުކާރުގެ ބާރު ގަދަ ކުރުމަށްކަމަށްވެސް ރައީސް ސޯލިހު ރޭ ވިދާޅުވެފައިވެ އެވެ.
ބަންޑާރަ ނައިބު އުޝަމް ވިދާޅުވީ އެއްވެސް ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށާއި ސަރުކާރުގެ ސްޓޭންޑަކީ ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވުން ކަމަށެވެ.
މީގެ އިތުރުން ވަކި މައްސަލައެއް ވަކި ގޮތަކަށް ނިންމަން މި ސަރުކާރުން ނުބުނާނެ ކަމަށާއި މިހާތަނަށްވެސް ޖުޑިޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް އުޝާމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގަ އެވެ. އޭރު ވަނީ އެ ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކޮށްފަ އެވެ. މިކަން ހިނގާ ދިޔައީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގަ އެވެ. އޭގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ދެ ފަހަރެއްގެ މަތިން ބަދަލު ގެނެސްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންޑާރަ ނައިބް އަހުމަދު އުޝާމް އެމްޑީޕީ ސުޕްރީމް ކޯޓު