ރައްޔިތުންނަށް އަނިޔާވެރިވާނަމަ، ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދަންޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކި ވާހަކަތައް ތަހުގީގު ކުރަން ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހދ. ކުޅުދުއްފުށީގައި އެމްޑީޕީން މިފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކި މީހަކު ވަނީ ދުންފަތާ ކުޅޭނަމަ ކުރީގެ ރައީސް އަމީނާ ދޭތެރޭ އަމަލު ކުރި ގޮތަށް މިހާރުގެ ރައީސް މުއިއްްޒާ ދޭތެރޭ ވެސް އަމަލުކޮށްފާނެ ކަމަށް ބުނެފަ އެވެ. އަދި އެމްޑީޕީން އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެ މީހާގެ ވާހަކަތައް ދިފާއު ކުރައްވާ ފައްޔާޒް ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިވެއްޖެނަމަ އަނިޔާވެރިވާނެ ކަމަށެވެ.
ފައްޔާޒްގެ ވާހަކަތަކާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ. އަދި މަޖިލީހުގެ 44 މެންބަރުން ވޯޓުން ނިންމާފައިވަނީ މި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމަށެވެ. މި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
މުފީދުގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރައީސް މުއިއްޒަކީ ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން އިންތިހާބު ކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ރައީސް މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް ކަމުގައި ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ ވާހަކަ ދައްކާފައިވާ ކަންވެސް ފާހަގަ ކޮށްފައިވެ އެވެ.
މި ވާހަކަތަކަކީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށްޓަކައި އަދި އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އަދި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުމުގެ މަގުސަދުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ ދައްކާފައިވާ ވާހަކަތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންކަމުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އެމްޑީޕީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ފައްޔާޒް އިސްމާއިލް