އިސްރަށްވެހިން ބަލާ ފަރާތްތަކަށް ހައުސިން ސްކީމްތަކުގައި އިތުރަށް ޕޮއިންޓް ލިބޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސޯޝަލް މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދާދި ފަހުން ދެއްވި ޚާއްޞަ އިންޓަވިއުއެއްގަ އެވެ.
އިންޓަވިއުގައި ވާހަކަދައްކަވަމުން، ޑރ. ޝިހާމް ވިދާޅުވީ މިހާރު ހައުސިން ސްކީމްތަކުގެ ޕޮއިންޓް ސިސްޓަމް އޮންނަ ގޮތުން އިސްރަށްވެހިންގެ ކުދިންނަށް ތަނެއް ހޯދަން ވަރަށް އުނދަގޫވާ ކަމަށެވެ.
”ގިނަ ކުދިން ތިބެގެން ޕޮއިންޓް ލިބުމާއި ބައިވަރު ކަންތައްތަކާއި ހެދީ އަޅުގަނޑުމެންނަށް އެކަމެއް ނޭނގޭ. އިސްރަށްވެހިންނަށް ވަރަށް އުނދަގޫ ތަނެއް ހޯދަން،“ މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން، މިނިސްޓަރ ފާހަގަކުރެއްވީ ހައުސިން ސްކީމްތަކުގެ ތެރެއިން ރައްޔިތުންނަށް ލިބެނީ ވަރަށް ކުދި ތަންތަން ކަމަށާއި، މިފަދަ ކުޑަ ތަންތަނުގައި ބެލެނިވެރިން ނުވަތަ މައިންބަފައިން ގޮވައިގެން ދިރިއުޅެން ދަތިވާ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދެން އަންނަ ހައުސިން ސްކީމްގެ ތެރޭގައި މައިންބަފައިންނާ އެކު އުޅެވޭ ކަމަށްވަންޏާ އިތުރު ޕޮއިންޓް ލިބޭ ގޮތަށް ހެދުމަށް ކެބިނެޓް ބައްދަލުވުމެއްގައި ސަރުކާރުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވި އެވެ.
އިސްރަށްވެހިން ބެލުމަށް އިހުމާލުވެ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ސޯޝަލް މިނިސްޓްރީން މަސައްކަތްތަކެއް ފަށާނެ ކަމަށް ބުނެފައިވެ އެވެ.
އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ