ކުރީ ސަރުކާރުން ’ގެދޮރުވެރިޔާ‘ ސްކީމްގެ ދަށުން ބިނާކުރި ފުރަތަމަ 4000 ފްލެޓް ދޫކުރުމަށް އެކުލަވާލި ދާއިމީ ލިސްޓްގެ ފޯމްތަކުގެ ލިޔެކިޔުންތަކުގައި މައްސަލައެއް ނެތްނަމަ، އެ ތަންތަން ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ، 4000 ފްލެޓް ދޫކުރުން ލަސްވަނީ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތަކުގެ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭތީ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ބައެއް ފަރާތްތަކުން ހުށަހެޅި ފޯމްތަކުގައި އޮޅުވާލައިގެން ފޮނުވާފައިވާ ލިޔެކިޔުންތައް ހުރުމުން، އެ މައްސަލަ އޭސީސީއަށް ހުށަހެޅުނެވެ. އޭސީސީގެ އަމުރަށް ހައުސިން މިނިސްޓްރީން އެ ލިސްޓް ރިވިއު ކުރި ނަމަވެސް، އެ ލިސްޓަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ގެޒެޓުކޮށްފައި އޮތް އެއްވެސް ލިސްޓެއް، އެއީ ގޯތިވިޔަސް ފްލެޓު ވިޔަސް އަތުލުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އަދަދުތަކާ އެއްކޮށް އަޅުގަނޑުމެން ލިސްޓު ނެރޭއިރުގައި ކޮންމެ މީހެއްގެ ނަން ކައިރީގައި އޮންނާނެ ތަފްސީލު. ވަރަށް ދެފުށް ފެންނަ ލިސްޓެއް ނެރޭނަން އަޅުގަނޑުމެން. ކޮންމެ މީހެއްގެ ތަފްސީލު، އަޅުގަނޑުމެން ހޮވުނު ގޮތް ވިޔަސް ނުހޮވުނު ގޮތް ވިޔަސް އޮންނާނެ،“ ރައީސް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ގެދޮރުވެރިން ކޮމިޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް ފްލެޓު ލިބޭގޮތަށް ޕޮއިންޓު އޮޅުވައިލާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މިހާރުގެ ސަރުކާރުން އެ ލިސްޓު އަލުން ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ ދެ ދުވަސް ކުރިން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަށަވަރު ކުރަންޖެހޭ ކަންކަމާ ގުޅިގެން ”ގެދޮރުވެރިޔާ“ ފްލެޓް ލިސްޓް އިއުލާންކުރުން އަނެއްކާވެސް ފަސްކޮށްފައިވާ ކަމަށެވެ. އޭސީސީން ބުނެފައިވާ ގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 59.6% އަކީ ޝަރުތު ހަމަނުވާ ފަރާތްތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިންގެރާއްޖެ365 ގެދޮރުވެރިޔާ ސްކީމް