އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ބަޖެޓެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އައިފާން ވިދާޅުވީ، މީގެކުރީ ސަރުކާރުތަކުން ހުށަހެޅި ބަޖެޓްތައް އެހާ ރިއަލިސްޓިކެއް ނޫން ކަމަށެވެ. އެގޮތުން މީގެކުރިން ބަޖެޓްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓައް ވަކިވަކިން ޖަހާކަން ފާހަގަކޮށް މެންބަރު ވިދާޅުވީ އޭރު ބަޖެޓްގައި ޕްރޮޖެކްޓްތަކަށް ޖަހަނީ އެ ޕްރޮޖެކްޓްތައް ނިންމޭނެ އަދަދުތައް ނޫން ކަމަށެވެ. އެހެންކަމުން މީގެކުރިން ބަޖެޓްގައި 2019 އިން 2024 އަށް ބައެއް ރަށްރަށުގައި އެއް ޕްރޮޖެކްޓެއް ތަކުރާރުކޮށް ޖަހާފައި ހުންނަކަންވެސް މެންބަރު ފާހަގަ ކުރެއްވި އެވެ.
މީގެކުރިން ސަރުކާރުތަކުން ބަޖެޓް ހުށަހަޅަމުންއައީ ރިއަލިސްޓިކް ނޫން ގޮތަކަށްކަން ފާހަގަކޮށް މެންބަރު އައިފާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ތަންފީޒު ކުރެވޭނެ ގޮތަކަށް ހުށަހަަޅާފައިވާ ބަޖެޓެއް ކަމަށެވެ. އަދި މިއީ ވަކިވަކި ރަށްތައް ޖެހުމުގެ ބަދަލުގައި ބިން ހިއްކުން ނުވަތަ އެހެންވެސް ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޮޑު ބަޖެޓެއް ޖަހާފައިވާ ބަޖެޓެއް ކަމަށް ވިދާޅުވި އެވެ.
މެންބަރު އައިފާން ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓާއިއެކު ގުޅީފަޅު އަދި ގިރާވަރުފަޅުގެ ނުހިއްކި އޮތް ސަރަހައްދު ހިއްކޭނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ރިއަލިސްޓިކް އަދި ތެދުހަދާ ވެރިއެއް ކަމަށާއި ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
މި ބަޖެޓަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ބަޖެޓެއް ކަމަށާއި، މިއީ ބޯހިޔާވަހިކަން އަދި ސިއްހީ ނިޒާމު ހަރުދަނާ ކުރާނެ ގޮތް ހިމެނޭ ބަޖެޓެއް ކަމަށް މެންބަރު އައިފާން ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުން ފުދުންތެރި ކުރުވާނެ ބަޖެޓެއް ކަމަށާއި ކުރިން އެކި ވެރިން ކަންކަން ކުރާގޮތަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށްވެސް ވިދާޅުވި އެވެ.
2025 ވަނަ އަހަރުގެ ބަޖެޓުން ތަރައްގީ ބާރަށް ހިނގާނެ ކަމަށާއި އަދި އިގްތިސާދު ހަމަމަގަށް އެޅުވޭތަން ބަޖެޓުން ފެންނާނެ ކަމަށްވެސް މެންބަރު އައިފާން ވިދާޅުވި އެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ދައުލަތުގެ ބަޖެޓް