ރާއްޖޭގެ އެކި ސަރަހައްދުތަކުން 7 ރަށެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމުމުން އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްދުދެއްވައިފި އެވެ.
ރައީސް މުއިއްޒު އެކްސްގައި އާބަން ސެންޓަރުތަކުގެ ކަންކަމުގައިި ޕޯސްޓް ކުރެއްވުމުގެ ކުރިން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އާބަން ސެންޓަރުތައް ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައިވާ ސަބަބު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާބަން ސެންޓަރު ގާއިމްކުރާނެ ގޮތް އެމަނިކުފާނުގެ މެނިފެސްޓޯގެ ޗެޕްޓަރު ހަތަރެއްގެ 12، 13 އަދި 14 ގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވައިފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދްމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރުމަކީ އެމަނިކުފާނު އެތަށް ޖަލްސާއެއްގައި ދައްކަވާފައިވާ ވާހަކަފުޅެއްކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އާބަން ސެންޓަރު (މާލެއިން އުތުރުން 3، މާލެއިން ދެކުނުން 4) ތަރައްޤީ ކުރުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށާއި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްޤީގެ މާސްޓަރޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ޤަސްދުކުރާ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބްދުﷲ ޝާހިދު އެމްޑީޕީ