މިދިޔަ ހަފްތާގައި ބޭއްވުނު ނޫސްވެރިންގެ އެވޯޑާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށާއިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ އެވޯޑުގައި އެވޯޑުގެ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ޢަމަލުކޮށްފައިވާކަމަށް އެވޯޑުގެ ޖަޖުންގެ ޕެނަލުންވެސް ފާހަގަކޮށްފައިވާއިރު، އޭސީސީން ތަހުޤީޤުކުރަން ފަށާފައިވަނީ އޯޑިއޯ ވީޑިއޯ ކެޓެގަރީއިން ދީފައިވާ އެވޯޑާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
އެ ޑޮކިއުމެންޓްރީއާއި ގުޅޭ ގޮތުން މީޑިއާ ކައުންސިލުގެ ޖަޖުންގެ ޕެނަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޑޮކިއުމެންޓްރީއަކީ ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފު އުފެއްދުމެއްކަން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އެކައުންސިލުން ނެރުނު ބަޔާނެއްގައިވެސް ފާހަގަކޮށްފައިވެ އެވެ.
މި ޑޮކިއުމެންޓްރީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓްކޮށް ފަނޑިޔާރުންގެ މޭޒާ ހަމައަށް ގެންގޮސްފައިވަނީ ބަލަންވާ ވަރަށް ނުބަލާ ކަމަށްވެސް ފަނޑިޔާރުންބުނެ އެވެ.
އަދި ފަނޑިޔާރުން މި ޑޮކިއުމެންޓްރީއާއި ގުޅޭގޮތުން އުފެއްދި ސުވާލުތަކަށް ޒިންމާދާރުކަމާއެކު ޖަވާބުދީފައި ނުވާކަމަށްވެސް ފަނޑިޔާރުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.