އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަހަރު ހިންގި އިޖުތިމާއީ އޮޑިޓްގެ ރިޕޯޓު އާންމު ކޮށްފި އެވެ.
އޭސީސީއިން މި އޮޑިޓް ކުރިއަށް ގެންދިޔައީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ދަ ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ އެކައުންޓެބިލިޓީ އެންޑް އިންޓެގްރިޓީ މެޓަރސް ޕްރޮޖެކްޓްގެ ދަށުންނެވެ.
އޭސީސީއިން މައުލޫމާތު ދިން ގޮތުގައި މި އޮޑިޓްގެ ދަށުން ހޯރަފުށީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއުއާއި، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫއު އޮޑިޓް ކޮށްފައިވެ އެވެ. އަދި މި ދެ މަޝްރޫއުއިން ފާހަގަ ކުރެވުނު މައްސަލަތައް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ ގޮތުން ފާހަގަ ކޮށްފައިވާ މައްސަލަތަކަކީ:
- އެއްބަސްވުމުގައި ވާ ތާރީޚަށް މަސައްކަތް ނުނިމި ލަސްވުން
- މުއައްސަސާތަކުގެ މެދުގައި ހުރި ގުޅުން ބަލިކަށިވުން
- ޕްރޮޖެކްޓްތައް ހިނގަމުންދާ ގޮތުގެ ދެފުށްފެންނަ ނިޒާމެއް ޤާއިމުކުރެވިފައި ނެތްކަން
- މަޝްރޫއުތައް ހިނގަމުންދާ މިންވަރާއި ފެންވަރު ރަނގަޅަށް ބެލެހެއްޓުމަށް މިނިސްޓްރީތަކާއި، ކައުންސިލްތަކާއި، ކޮންޓްރެކްޓަރުންގެ މެދުގައި ވިލަރެސްކުރާނެ ނިޒާމެއް އޮތުމުގެ މުހިންމުކަން
- މައުލޫމާތު ހާމަކުރުމުގައި އިސްނެގުމަށާއި، މަޝްރޫއުތައް މޮނިޓާކުރުމުގެ އުސޫލުތައް ހަރުދަނާކޮށް މަޝްރޫއުތަކާ ގުޅޭ ފަންނީ އަދި ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމުގެ މުހިންމުކަން
މީގެ އިތުރުން އޭސީސީން ބުނީ މިފަދަ އޮޑިޓްގެ މަގްސަދަކީ ދައުލަތް ހިންގުމުގައި މުއައްސަސާތަކާއި ރައްޔިތުންގެ ދައުރު ހަރުދަނާކޮށް ޒިންމާދާރުކަން އިތުރުކޮށް، ފައިސާއާއި ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމަށް އެކަށައެޅިފައިވާ ނިޒާމުތައް ހަރުދަނާކުރުން ކަމަށެވެ.



