ދައުލަތުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ނިންމާ ނިންމުންތަކުގައި މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް އެކަށައެޅުމާގުޅޭ މިންގަނޑުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކޮށްފި އެވެ.
އޭސީސީއިން ބުނެފައިވަނީ އެ ކޮމިޝަނުން މިއަދު އާންމުކުރި ގައިޑްލައިންގައި ހިމަނާފައިވާނީ ދައުލަތުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ނިންމާ ނިންމުންތަކާއި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ރިސްކު ކުޑަކުރުމަށް ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަޤުވާމީ އަސާސްތަކާއި މިންގަނޑުތައް ކަމަށެވެ.
މި މިންގަނޑުތަކުގެ މަޤްސަދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ނުވަތަ މަސްލަހަތު ފުށުއަރާފާނެ ހާއްސަ ޙާލަތްތަކާއި ރިސްކު ބޮޑު ފަރާތްތައް ދެނެގަނެ ޢަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު އަސާސްތަކާ ގުޅޭގޮތުން އިރުޝާދު ދިނުމުގެ އިތުރުން އިދާރާތަކުން އެ އިދާރާއެއްގެ މަސައްކަތްތަކާއި ބޭނުންތަކަށް ރިއާޔަތްކޮށް، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ކުރެވިދާނެ ކަންތައްތަކާއި ގެންގުޅެންވާނެ މިންގަނޑުތައް ބަޔާންކޮށްފައިވާނެ ކަމަށް އޭސީސީން ބުނެފައިވެ އެވެ. އަދި ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ ސަޤާފަތެއް އިދާރާތަކުގައި ޤާއިމުކުރުމަށް ބާރުއަޅައި ކޮރަޕްޝަންގެ ރިސްކު ކުޑަކުރުމަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.
މި ގައިޑްލައިންގައި ހިމަނާފައިވާ ލަފާއާއި އިރުޝާދުތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވައިލުމާއި، މަސްލަހަތު ފުށުއެރުމުގެ ރިސްކު ކުޑަކުރުމަށް މުވައްޒަފުން ހޭލުންތެރިކޮށް ތަމްރީނުކުރުމާއި، މަސްލަހަތު ފުށުއަރާ ޙާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި އެފަދަ ނިޒާމުތައް މޮނީޓަރކުރުމާއި މުރާޖައާކުރުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތައް ފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތު ހިމަނާފައިވާނެ ކަމަށްވެސް އޭސިސީން ބުނެފައިވެ އެވެ.
މި ގައިޑްލައިންގައި އިދާރާތަކަށް ރައްޔިތުން އިތުބާރުކުރާ، ދެފުށްފެންނަ ނިޒާމަކަށް ހެދުމަށްޓަކައި، އިދާރީ ހިންގުމުގެ ތެރޭގައި ކޮންމެހެން ހުންނަންޖެހޭ އިންތިޒާމުތަކާއި މިންގަނޑުތައް ފާހަގަކޮށްފައިވެ އެވެ.



