ރާއްޖެއިން ފުރަތަމަ ފަހަރަށް ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި (ޕެޓް) ގެ ބޭލްޑް ކޮންޓެއިނަރެއް ރާއްޖޭން ބޭރަށް އެކްސްޕޯޓްކޮށްފި އެވެ. މިއީ ދިވެހިރާއްޖޭގައި ޕްލާސްޓިކް ކުނި މެނޭޖްކުރުމުގެ އިގްތިސާދަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވޯލްޑް ކްލީންއަޕް ޑޭ 2024 ގައި ބޭއްވުނު ޚާއްޞަ ހަރަކާތެއްގައި މި އެކްސްޕޯޓް ކުރުން ކުރިއަށް ގެންދެވުނެވެ. މި މަޝްރޫޢުގައި ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް)، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (އެމްއޯޕީއޭ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މަސައްކަތް ކުރި އެވެ.
ޓީސީސީއެފްގެ ހަރަދުގައި، ޕިކަޕް އާއި ބެލަރ ހިމެނޭ ސާމާނު ވެމްކޯއާ ހަވާލުކުރެވުނެވެ. މި އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޕެޓް ފުޅި އެއްކުރުން ހަރުދަނާކޮށް، ޕްލާސްޓިކް ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމެވެ.
ވެމްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އިސްނެގުމުގެ ދަށުން ރީސައިކަލް ކުރުމަށް ބެލްޑް ޕެޓް ފުޅި މެލޭޝިއާ އާއި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އެވެ. މިއީ ދިވެހިރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް ކުނި ބޭނުންކޮށް އަލުން ބޭނުންކުރުމުގެ އަމާޒުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
ޓީސީސީއެފްގެ ހަރަދުގައި ހިންގާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމަށް މުޅި ރާއްޖެއަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމެވެ. މި ޕްރޮޖެކްޓްގެ ދަށުން ބޭނުންވާ އާލާތްތަކާއި ނިޒާމުތައްވެސް ގާއިމް ކުރެވޭނެ އެވެ.
މި އިސްނެގުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެ އެވެ. މީގެ ސަބަބުން ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)