ކާމިޔާބުކަމާއެކު 25 އަހަރު ގައުމަށް ހިދުމަތް ކުރުމުގައި ކުންފުނީގެ އެންމެ ބޮޑު ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންކަމަށް މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ މިހެން ވިދާޅުވީ މޯލްޑިވްސް ގޭހަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައިމިއަދު ހެނދުނު 09:00 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އެކުންފުނީގެ މާލެ ޑިސްޓްރިބިއުޝަން ސެންޓަރުގަ އެވެ.
ކުންފުނީގެ އެންމެ ބޮޑު އަސާސަކީ ނުވަތަ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފަކުންކަން ފާހަގަކުރައްވަމުން އަބްދުﷲ ވިދާޅުވީ ރާއްޖޭން ބޭރުން ތަމްރީނުތައް ހެދުމަށްޓަކައި މުވައްޒަފުން ފޮނުވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ގޭހުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތްތަކަށް އަބްދުﷲ ވަނީ އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން މިހާރު ކުރިއަށް ގެންދާ ގޭހުގެ ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް އަބްދުﷲ ވިދާޅުވިއެވެ. މިހާރު އެކުންފުންޏަށް ރައްކާކުރެވެނީ ގާތްގަނޑަކަށް އެއް މަސްދުވަހުގެ ގޭހެވެ.
އެއާއެކު ރާއްޖޭގައި 4 ނުވަތަ 5 މަސްދުވަހުގެ ގޭސް ރައްކާ ކުރެވޭނެ. ގޭހާ ގުޅުންހުރި ތަފާތު ވަސީލަތްތައް ވިއްކުމަށްވެސް ވަރަށް އަވަހަށް ފިހާރައެއް ހުޅުވާނަން. ޒަމާނަށް އައި ބަދަލާއެކު އެއާކޮންޑިޝަން ހުރިހާ ގެއެއް ކަހަލަ ގޮތަކަށް އެބަ ހުރޭ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅު ބަލްކުކޮށް ރާއްޖެއަށް އެއާކޮންޑިޝަނަށް އަޅާ ގޭސް ގެނެސް ލުއި އަގެއްގައި ވިއްކާނަން.
އަބްދުﷲ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެ ކުންފުނީގެ ހިދުމަތް ރާއްޖޭގެ ދެކުނުގައި ފުޅާކުރުމުގެ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ގދ. ތިނަދޫގައި ހުރި 1،500 ޓަނުގެ ގޭސް ޓޭންކުން ހިދުމަތް ނުލިބި އޮތް އޮތުން ބަދަލުވެގެން ދާނެކަމަށް އޭނާ ވިދާޅުވި އެވެ.