ދ. މީދޫ ކައުންސިލުން އައިސް ޕްލާންޓެއް ގާއިމުކުރުމަށް ހިލޭ ބިމެއް ދީފި އެވެ.
މިކަމާއި ގުޅޭގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މީދޫގައި އައިސް ޕްލާންޓު ހެދުމަށް ހިލޭ ބިން ލިބުމުން މަސްވެރީންނަށް ކައުންސިލުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމަށް ބުނެފަ އެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން އަލަށް ގާއިމްކުރާ މީދޫ އައިސް ޕްލާންޓަށް ބޭނުންވާ ބިން، އެރަށު ކައުންސިލުން އުޖޫރައެއް ނުނަގާގޮތަށް މިފްކޯއާ ހަވާލުކުރުމަކީ، އެރަށު ކައުންސިލުން މަސްވެރީންނަށް ދެއްވާ އަހަމިއްޔަތުކަން ހާމަވެގެންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމުގައި މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ މީދޫގައި އައިސް ޕްލާންޓު ހެދުމަށް އެރަށު ކައުންސިލުން ހިލޭ 3000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައިވާ ކަމުގަ އެވެ. އަދި އެ ސަރަހައްދުގެ މަސްވެރިންނަށް ނުވަތަ މަސްވެރިކަމަށް އައިސް ލިބޭގޮތް ވުމުން މިފްކޯއަށް ތާޒާ ކަނޑުމަސް ލިބިގެންދާނެކަން މުއާޒު ފާހަގަކުރެއްވި އެވެ.
”ކައުންސިލްތަކުން ނަގަނީވެސް ރަމްޒީ ފީއެއް. އަދި އަޅުގަނޑުމެނަށް އެއިން ފައިދާ ނުވިޔަަސް މަސްވެރީންނަށް ހެޔޮ އަގެއްގައި އައިސް ވިއްކަން ކޮލެޓީ މަސް ހޯދުމުގެ މަގްސަދުގައި. މި މަސައްކަތް ނިމުމުން ދެން އެ ސަރަހައްދުން ވެސް ލިބޭނީ ކޮލެޓީ މަސް.“ މުއާޒް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މީދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، މުސްތަގުބަލުގައި މީދޫއަށް މަސްއޮޑިފަހަރު އައިސް އަޅަން ދިއުމުން އެރަށުގެ އިގްތިސާދީ އޮއިވަރު ބަދަލުވެ، ކުދި ވިޔަފާރިތަކާއި ފިހާރަތަކާއި ސައި ހޮޓަލުގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގަ އެވެ. އަދި މީދޫގެ އިތުރުން އެ ރަށާ ކައިރި ރަށްރަށުގެ ފަރުމަސް ވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރޯމަހުގެ މަސައްކަތުގައި އުޅޭ އާންމުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ނަސީމް ވިދާޅުވި އެވެ.
މީދޫ އައިސްޕްލާންޓުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއިން ސޮއިކުރީ ނިމުނު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގަ އެވެ.
މި މަޝްރޫއުގެ ދަށުން މީދޫގެ އިތުރުން ދ. ބަނޑިދޫ އާއި ށ. ފުނަދޫގައި އަޅާ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ހަދާނެ އެވެ.
ޖުމްލަ 24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކޮންމެ އައިސް ޕްލާންޓެއް ހެދުމަށް 8 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަދި މިއީ ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން ހިންގާ މަޝްރޫއެކެވެ.