މާލޭ މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރު ކުރަން ނިންމައިފިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަޢުލޫމާތު ޝުޖާއު ދެއްވާފައިވަނީ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގަ އެވެ.
ޝުޖާއު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މާލޭގެ ޓްރެފިކް އެންމެ ބާރު ބޮޑުވާ ވަގުތުތަކުގައި 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވާނެ އެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި ފުލުހުންގެ އިދާރާއިން ކުރަމުންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން ކަމެކެވެ.
މުޅި ރާއްޖޭގައިވެސް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށް ޝުޖާއު ވިދާޅުވި އެވެ. މީގެ ތެރޭގައި ސީނިއަރ ފުލުހުންވެސް ހިމެނެ އެވެ. މިހާރުވެސް ސްކޫލްތައް ކައިރީގައި ސީނިއަރ ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި މަސައްކަތަށް އިތުރަށް ބޭނުންވާ 360 އެއްހާ ރެކްރޫޓް ފުލުހުން މިހާރު ތަމްރީނު ފުރިހަމަކުރަމުންދާ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ. އަދި މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތްތައް މޮނިޓަރކޮށް ވިލަރެސްކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އާއި ހުޅުމާލޭގައި ޤާއިމްކޮށްފައިވާކަމަށް ޝުޖާއު ވިދާޅުވި އެވެ. މި ސެންޓަރުގައި ސީނިއަރ ފުލުހަކު 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ އެވެ. މުޅި މާލޭގެ ސީސީޓީވީ ނިޒާމް މި ތަނުން ކޮންޓްރޯލްކޮށް މޮނިޓަރ ކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ގޭންގް ކުށްތައް މަދުކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
މި އައު ފިޔަވަޅުތަކުން މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ކުށްކުރުން މަދުވާނެކަމަށް އުއްމީދު ކުރެވެ އެވެ.