މާލެ ސިޓީ ކައުންސިލުން މާލެ މަގުމަތީގައި ހުރި ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލެ މަގުތަކުގައި ބައެއް އުޅަނދުތައް ޕާކުކޮށްފައި ހުންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް އުޅަނދުތަކުގެ އިންޖީނުވެސް ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިހާރުވެސް ޕާކިން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ސިޓީއެއްގައި މި އުޅަނދުތަކުން މަގުމަތީގެ ގިނަ ޖާގަތަކެއް ނަގާކަން ކައުންސިލުން ފާހަގަކުރި އެވެ.
ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން މި މަސައްކަތް ކުރަނީ ދޫކޮށްލާފައިވާ ހުރިހާ އުޅަނދުތަކެއް މަގުމަތިން ސާފުކުރުމަށް ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު އެންމެ ފުރަތަމަ އުޅަނދު ނަގަން ފަށާފައިވަނީ ކަށިމާ ހިނގުމުންނެވެ.
މީގެ އިތުރަށްވެސް، ސިޓީ ކައުންސިލުން ބުނީ މި އުޅަނދުތަކުގެ ވެރިފަރާތުން ބޭނުންވާނަމަ އެ އުޅަނދުތައް ނެގުމަށް ނޯޓިސް އެއް އެ އިދާރާއިންް ފޮނުވާނެ ކަމަށެވެ. ވެރިފަރާތްތަކުން ވެހިކަލްތައް ބަލާ ނައިސްފިނަމަ، ފުލުހުން ގަވާއިދުތަކާ އެއްގޮތަށް އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ޖުލައި މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުން މާލެ ސިޓީގެ މަގުތަކުގެ 65 އިންސައްތަ ޖާގަ ހިފާފައިވާ ކަމަށެވެ. އެއީ މަގުމަތީގެ އެކްސިޑެންޓްތަކަށް މަގުފަހިކުރުވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ކަމާބެހޭ އެހެން މުއައްސަސާތަކާއި ގުޅިގެން މަގުތައް ސާފުކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ހިންގި އެވެ. މާޗް މަހު އެ މިނިސްޓްރީން ބުނެފައި ވަނީ 261 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ.
މާލެ މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ދިވެހި ފުލުހުންގެ ޚިދުމަތް