ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ށ. މިލަނދޫ، ހެޕީލޭންޑް، އާދަމް އަތުހަރުގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖޭން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.
މާދަމާގެ ވަގުތެއްގައި ޕޯސްޓްމޯޓަމް ހަދާނެކަމަށްވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
އަތުހަރު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން އަތުހަރު ހައްޔަރުކޮށްފައިވަނީ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި މައްސަލައިގަ އެވެ. އޭނާ ހައްޔަރު ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން އޭނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ އެދުވަހު ފަރުވާ ދީފަ އެވެ.
އަތުހަރު ނިޔާވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް އެ ހިދުމަތުން ބުނެފައިވެ އެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެކަމަށްވެސް ފުލުހުން މީގެ ކުރިން ނެރުނު ނަޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.
އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ އާއިލާއިން ވަނީ މީގެ ކުރިން ދެކޮޅު ހަދާފަ އެވެ. ނަމަވެސް ހޯސް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖަލު ތެރޭގައި މަރުވާ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ގާނޫނު ލާޒިމު ކުރާ ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އައިޖީއެމްއެޗް އޭޑީކޭ ހޮސްޕިޓަލް ދިވެހި ފުލުހުންގެ ޚިދުމަތް