ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލަން އެވެރިކަމުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއިއެކީ ހަރަކާތެއް ހިންގެވި ކަމަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިިގައި އަދަބު ތަންފީޒު ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އެކްސް ޕްލެޓްފޯމްއާއި ދުވަސްކޮޅެއް ވަންދެން ދުރުގައި ހުންނެވުމަށްފަހު އަދީބު މިއަދު މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދީބު މިގޮތަށް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއާއި ބައްދަލުކުރެއްވިކަމުގެ ވާހަކަތައް ޔާމީންގެ ޕާޓީ، ޕީއެންއެފްއިން ފަތުރަމުން ގެންދާާ ދަނޑިވަޅެއްގަ އެވެ. އެ ވާހަކަތަކަަށް ރައްދުދެއްވަމުން އޭނާ ވަނީ ރައީސްއާއި އޭނާއާއި ބައްދަލުކުރެއްވި ވާހަކަ ދޮގުކުރައްވާފަ އެވެ.
އަދީބް ވިދާޅުވީ 2015 ވަނަ އަހަރު އަދީބު ހުރަގޭގައި އޮއްވާ، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ) ކިޔާ ހަރަކާތެއް އުފައްދާ އޭގެ އެޑްވައިޒަރަކަށް އޭނާ ލައްވައިގެން ޖަމީލު އެހަރަކާތުގެ ރައީސަކަށް ހުންނެވި ކަމަށެވެ. އެ ހަރަކާތުގެ ދަށުން ދެބޭފުޅުންވެސް ޔާމީންގެ ވެރިކަން ވައްޓަން މަސައްކަތް ކުރެއްވި ކަމަށް އަދީބު ވިދާޅުވި އެވެ.
”އަޅުގަނޑު ރައީސް ޑރ. މުއިއްޒަކާއި ބައްދަލެއް ނުކުރަން. ސިޔާސީ ގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން.“ އަދީބު ވިދާޅުވި އެވެ.
އަދީބު މިފަދައިން ވިދާޅުވެފައިވާއިރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައީސްއާއި އަދީބު ބައްދަލުކުރައްވަންވީ އެެއްވެސް ސަބަބެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ ސަންގުޓީވީއަށް ދާދި ފަހުން ދެއްވި ބަސްދީގަތުމެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ޖަމީލް