އިންޝުއަރެންސް ވިޔަފާރިއަކީ ރާއްޖެއަށް ފައިސާ ލިބޭ ރަނގަޅު ވިޔަފާރިއަކަށް ހެދޭނެ ކަމަށާއި އަދި އިންޝުއަރެންސްގެ ވިޔަފާރިތައް އުފެއްދުމަށް ހިތްވަރު ދޭންޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންޝުއަރެންސްގެ ބިލަށް ވާހަކަ ދައްކަވަމުން ނާޒިމް ވަނީ ސަރުކާރުގެ ފަރާތުން އިންޝުއަރެންސްއާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅާފައި އޮތުމުން ޝުކުރު އަދާކުރައްވާފައެވެ. އަދި ވިދާޅުވީ އިންޝުއަރެންސުން ލިބޭ ލާބައާއި މަންފާ ގިނަ މީހުންނަށް ނޭންގޭ ކަމަށާއި އެކަމަށް މީހުން ހޭލުންތެރިކުރަންޖެހޭ ކަމަށެވެ.
ރާއްޖޭގައި އިންޝުއަރެންސްގެ ކަންކަން ހިނގާގޮތާމެދު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި އަދިވެސް އިންޝުއަރެންސްގެ ކަންކަން ހިނގަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އެގޮތުން ސައިކަލުފަދަ ތަކެތި އިންޝުއާ ކޮށްފައި ހުންނައިރު އެކްސިޑެންޓެއް ވުމުން އޭގެންވެސް ބަދަލެއް ނުލިބޭކަން ފާހަގަ ކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި އިންޝުއަރެންސް ކުންފުނިތަކެއް ހުރިނަމަވެސް އަދި އެކަން އޮތީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ނޫންކަމަށެވެ. އަދި ރައްޔިތުންގެ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންވެސް އިންޝުއަރެންސް ކުރުމަށް ބޭނުންނުވާކަން ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ އިންޝުއަރެންސްގެ ވިޔަފާރިއަކީ ރާއްޖެއަށް ފައިސާލިބެ ރަނގަޅު ވިޔަފާރިއަކަށް ހެދޭނެ ކަމަށާއި އިންޝުއަރެންސްގެ ވިޔަފާރިތައް އުފެއްދުމަށް ހިތްވަރު ދޭންޖެހޭ ކަމަށެވެ.
މިފަދަ ޤާނޫނަކުން ރާއްޖެއަށް ރަނގަޅު އިންޝުއަރެންސް ކުންފުނިތައް އަންނާނެކަމަށް ގަބޫލުކުރައްވާކަމަށާއި ރައްޔިތުންނަށް ލިބޭ ގެއްލުމަށް ރަނގަޅު ބަދަލެއް އެފަދަ ކުންފުނިތަކުން ލިބޭނެ ކަމަށްވެސް އުންމީދުކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ”އިންޝުއަރެންސްގެ ބިލު“ މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގްއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަރމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސެންސް ދިނުމާގުޅޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ. އަދި އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތަކާއި އެނޫންވެސް އިންޝުއަރެންސް ވިޔަފާރިއާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގާއިމު ކުރުމެވެ؛
ރައްޔިތުންގެ މަޖިލިސް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް