ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މާލޭގައި 11 ފަންގިފިލާގެ އިމާރާތެއް އަޅަން ނިންމާ އެންވާރަމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައިފި އެވެ.
ބީސީސީން މި އިމާރާތް އެޅުމަށް ނިންމާފައިވަނީ ޗާންދަނީ ދަނބު ގޯޅި ގުޅޭ ކަންމަތީގައި އޮތް ބިމެއްގަ އެވެ.
މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެޅުމަށް ނިންމާފައިވާ އިމާރާތެއްކަން ބީސީސީން އީއައިއޭ ރިޕޯޓަށް ދީފައިވާ މައުލޫމާތުން އެނގެ އެވެ.
މި އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ފަށާނެކަމަށް ބީސީސީން ބުނެ އެވެ. އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެޑޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މި އިމާރާތް ނިންމާލެވޭނެ ކަމަށް ބީސީސީން ލަފާކޮށްފައިވަނީ 36 މަސް (ތިން އަހަރު) ދުވަހުގެ ތެރޭގަ އެވެ.
އިމާރާތުގެ ފަންގިފިލާތަށް ބެހިގެންދާ ގޮތް:
- ބޭސްމެންޓް: ޕާކިން އޭރިއާ
- ގްރައުންޑް ފްލޯ: ރިސެޕްޝަން އަދި ފިހާރަތަކަށް
- އެއްވަނަ ފަންގިފިލާ – ފިހާރަތައް
- ދޭއް އަދި ތިންވަނަ ފަންގިފިލާ – ޝެއާ ކުރެވޭ ނުވަތަ ވަކިން މަސައްކަތް ކުރެވޭ އޮފީސް ޖާގަތައް
- ހަތަރުވަނަ ފަންގިފިލާ – ފަންނުވެރިންނަށް ހާއްސަ އާޓް ސްޓޭޝަންތަކުގެ އިތުރުން ޝެއާ ކުރެވޭ ނުވަތަ ވަކިން މަސައްކަތް ކުރެވޭ އޮފީސް ޖާގަތައް
- ފަހެއް އަދި ހަވަނަ ފަންގިފިލާ – ޝެއާ ކުރެވޭ ނުވަތަ ވަކިން މަސައްކަތް ކުރެވޭ އޮފީސް ޖާގަތައް
- ހަތްވަނަ ފަންގިފިލާ – ޕޭންޓްރީ އެކުލެވޭ އޮފީސްތަަކާއި މީޓިން ރޫމްތައް
- އަށްވަނަ ފަންގިފިލާ – ސާވާ ރޫމް، ނަމާދު ކޮޓަރި އަދި ގުދަން ހިމެނޭ އޮފީސްތައް
- ނުވަވަނަ ފަންގިފިލާ – މީޓިން ރޫމްތަކާއި އެގްޒެކެޓިވް ރޫމްތައް ހިމެނޭ މާސްޓާ އޮފީހެއް
- 10 ވަނަ ފަންގިފިލާ – އިންޑޯ އަދި އައުޓްޑޯ ޖާގަ ހިމެނޭ ކެފޭ އެއް
ބީސީސީން މި އިމާރާތް އެޅުމަށް އީއައިއޭ ހަދާފައި މިވަނީ ކުންފުނީގެ ހަރަދު ބޮޑުވެ އެ ކުންފުނިން ހިންގާ އެސްއެމްއީ ހަބުގެ ދެ ފަންގިފިލާއެއް ދޫކޮށްލަން ނިންމާފައިވަނިކޮށެވެ.
